އައްޑޫސިޓީގައި އެމްޓިސީސީން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތައް
އައްޑޫސިޓީގައި އެމްޓިސީސީން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތައް
މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫސިޓީގެ މަލަމަތިން ތަހުޒީބުގެ އައު މަންޒަރެއް ދައްކުވައި ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް މަސައްކަތެވެ. މި މަސައްކަތުގައި ކުލަ ޖެއްސެވުމަށް އެމްޓީސީސީއާ ޙަވާލުކޮށް މިވަގުތު ކުރިއަށް ގެންދާ މަޝްރޫޢު ތަކުގެ ޖުމްލަ 9 އަށް އަރާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީން އައްޑޫ ސިޓީގައި 374 މިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ގެންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ސިޓީގައި އެމްޓީސީސީން މިވަގުތު ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ ތެރޭގައި މިހާރު 84 އިންސައްތަ މަސައްކަތް ނިމިފައިވާ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ޕޭވްމެންޓް ގާ އެތުރުމުގެ މަސައްކަތް ކަމަށާއި، އޭގެ އިތުރުން އެލް.އީ.ޑީ ސްޓްރީޓް ލައިޓް ހަރުކުރުމުގެ މަސައްކަތާއި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނީ މިއީ 42.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން 17،776 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ހެދުމާއި، 6060 އަކަ މީޓަރުގެ ސަރަޙަދެއްގައި ދުވާރެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ އޮކްޓޯބަރ 29 ގައި މި މަސައްކަތް ނިންމުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުޅުދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް މި ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ޖުމްލަ 2.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެހެން ޕްރޮޖެކްޓްތަކަށް ބަލާއިރު، އައްޑޫ ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ޖުލައި މަހުގެ ފަހު ހަފުތާގައި ވަނީ ފަށާފައެވެ. އެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށާއި، މި މަޝްރޫޢުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ޖުމްލަ 65 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 88623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ބޭރުތޮށި ލުމާއި، 742 މީޓަރުގެ އެއްގަމު ތޮށިލުން ހިމެނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދާނަމަ 2021 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެމްޓީސީސީގެ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢު ވެސް ފާހަގަކޮށްލެވެއެވެ. ޖުމްލަ 28.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިހާރު ނުނިމި ވަނީ ލައިޓް ޖެހުމުގެ މަސައްކަތްކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ޓާރގެޓް ކުރެވިފައިވާ މި މަޝްރޫޢުގައި މިވަގުތު ކުރިއަށް ދަނީ ބްރިޖް ހެދުމުގެ މަސައްކަތް ކަމަށާއި، މި މަޝްރޫޢުގެ ދަށުން، 18873 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކޮށް، 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތްތަކުގެ އިތުރުން އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 19 އޯގަސްޓް 2020 ގައި އެމްޓީސީސީ އާއި ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާއިރު އެމްޓީސީސީގެ އަމާޒަކީ 1 ޑިސެމްބަރުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުމެވެ.

އައްޑޫސިޓީގައި އެމްޓީސީސީން ތަރައްޤީގެ ޕްރޮޖެކްޓްތައް ބާރަށް ކުރިއަށް ގެންދާއިރު، ރައީސް ޞާލިޙްގެ ވަޢުދުތައް ރަނުން ރަނަށް ފުއްދުމުގައި އެންމެ އަވަދިނެތި މަސައްކަތްކުރާ އެއް ޓީމަކީ އެމްޓީސީސީގެ ހީވާކި ޓީމެވެ. އައްޑޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ގިނަ މަސައްކަތްތަކާއެކު އެމްޓީސީސީން ކުންފުނީގެ ދުވެލި ހަރު ކޮށްފައިވަނީ ކުންފުނީގެ އަމާޒުތައް ޙާސިލްކޮށް ރައްޔިތުންގެ އަތްފޯރާފަށަށް ތަރައްޤީއާއި ތަހުޒީބު ގެނެސްދިނުމަށެވެ. ރައްޔިތުން އުއްމީދު ކުރާ މާދަމާއަށް ފެންނަ ވަރަށް ތަރައްގީ ފައިހަމަ ކޮށްދިނުމެވެ.

އައްޑޫ ހުޅުމީދޫގެ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް މިވަގުތު ކުރިއަށް ދާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ އޮކްޓޯބަރ މަސް ތެރޭގައި ފެށުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ. ޖުމްލަ 68.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކޮށް، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަރަދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް 10 އޮކްޓޯބަރ 2020 ގައި ނިންމުމަށް މަސައްކަތްކުރަމުން ދާއިރު، މީދޫ ބަނދަރު ބޭރު ތޮށި ލުމުގެ މަސައްކަތުގެ ބޮޑު ބައެއްވެސް ވަނީ ނިމިފައެވެ. އަދި މަރަދޫ ފޭދޫ ސްވަރޭޖް ޕްރޮޖެކްޓް ނިމިފައި ވާއިރު، މިވަގުތު ކުރިއަށް ދަނީ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތެވެ. އެމްޓީސީސީގެ އަމާޒަކީ މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ އަށް ނިންމުންކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ކޯވިޑް-19 ގެ ދަތި އުނދަގޫ ދުވަސް ވަރުގައި ވެސް އެމްޓީސީސީގެ ހީވާގި ޓީމު އެއްވެސް ވަރުބަލި ކަމެއްނެތި އެޓީމުގެ ހީވާގި ލީޑަރުގެ ތަޖުރިބާއާއި އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރަށު ތަރައްގީއާއި ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުހިންމު ވަޢުދުތައް ރަނުން ރަނަށް، ފުއްދައިދީ ރައްޔިތުންގެ އުއްމީދީ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް ކުރަމުންދާ މަސައްކަތް ތަކަކީ ފާހަގަ ކޮށްލަން ޖެހޭ މަސައްކަތް ތަކެކެވެ. އެމްޓީސީސީގެ މި ހަލުއި ތަރައްގީގެ މަސައްކަތްތަކަށް އެކަނި ބަލައިލި ނަމަވެސް މި ސަރުކާތުގެ ތަރައްގީގެ ދުވެއްޔާއި މެދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ތަކަކީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫންކަން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން