ފަތުރުވެރިކަމުގައި ރާއްޖޭގެ ބައެއް މަންޒަރުތައް (ފޮޓޯ: ސޯޝަލް މީޑިއާ)
ފަތުރުވެރިކަމުގައި ރާއްޖޭގެ ބައެއް މަންޒަރުތައް (ފޮޓޯ: ސޯޝަލް މީޑިއާ)
"ސޭފް ހޭވަން" ގެ ގޮތުގައި ދިވެހިރާއްޖެ ދައްކައިދިނުމާއި ކޯވިޑް-19 އާ ގުޅިގެން ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ވެބިނާތަކެއް ފަށައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއި އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ "ރީޑިސްކަވަރ ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ކެންޕެއިނެއް ލޯންޗްކޮށްފަ އެވެ.

މި ކެންޕެއިންގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔަން ދިވެހިރާއްޖެ ތައްޔާރަށް އޮތްކަން ހާމަކޮށް ދިވެހިރާއްޖެ އަކީ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި މިއީ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ އެކި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑް އާއި މީޑިއާތަކަށް ހާއްސަކުރެވިގެން ބޭއްވޭ ވެބިނާތަކެކެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ބަހާލައިގެން ކަނޑައެޅޭ މާކެޓްތަކަކަށް ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ކުރިއަށް ގެންދެވޭ މި ވެބިނާތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުންނާއި އެކި މާކެޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ އެވެ. މި ވެބިނާތަކުގައި، ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކާއި އެކަންކަމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކާއި ކުރެވެމުން އަންނަ މަސައްކަތްތަކުގެ އިތުރުން "ނިއު ނޯމަލްގެ" ދަށުން ދަތުރުކުރާއިރު ފަތުރުވެރިން އިސްކަންދޭންވީ މުހިންމު ކަންތައްތަކަށް ވެސް އަލިއަޅުވާލާނެއެވެ.

މި ވެބިނާތަކުގައި ދިވެހިރާއްޖޭގައި ފަތުވެރިންނަށް ކުރެވެންހުރި ހާއްސަ ތަޖުރިބާތަކުގެ ކެމްޕެއިނެއް ކަމުގައިވާ "އަ ޑަޒަން މަސްޓް ޑޫ އެކްސްޕީރިއަންސަސް އިން މޯލްޑިވްސް" ވެސް މިދިޔަ ބުދަ ދުވަހު ބޭއްވުނު ފުރަތަމަ ވެބިނާ ސެޝަންގައި ވަނީ ލޯންޗްކޮށްފަ އެވެ. އެގޮތުން ލޯންޗްކުރެވުނު ހާއްސަ ތަޖުރިބާ ތަކުގެ ތެރޭގައި "ފްލައި އަބޯވް ދަ އައިލެންޑްސް،" "ސްވިމް ފްރީލީ އިން ހާމަނީ ވިތު ނޭޗާ" އަދި "ޓްރީހައުސް އެޑްވެންޗަ" ހިމެނެ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވް އިވެންޓް "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" އާއި ޗައިނާ އަދި އިންޑިއާ މާކެޓްތަކަށް ހާއްސަކޮށް ބޭއްވުނު ވެބިނާތަކުގެ އިތުރުން ޕާޓާ އިން ކުރިއަށް ގެންދިޔަ "ޑްރީމް ޓު ޓްރެވަލް ފެސްޓިވަލް" އަދި ކަޔަކް އާ ގުޅިގެން ބޭއްވި އޮންލައިން ކެމްޕޭން އާއި ސީއެންއެންއާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭން ހިމެނެ އެވެ.

މިފަދަ ކޮންމެ ހަރަކާތެއްގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައިވާ ގައުމަކަށް ވުމާއެކު ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމުގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން އެޅިފައިވާ ރައްކާތެރި ފިޔަވަޅުތަކަކީ ދިވެހިރާއްޖެ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށްވާ އެންމެ މުހިންމު އެއް ސަބަބުކަން މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން