ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިޚާބު ވެވަޑައިގެންނެވި ފަހުން ދެ އަހަރު ވީ މީގެ ދެދުވަސް ކުރިންނެވެ. ފާއިތުވެ ދިޔަ ދެއަހަރުގެ ތެރޭގައި އެމަނިކުފާނުގެ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ ޓީމުން ގެންދަވަނީ ކުރަށްވަމުންނެވެ. އެކި ދިމާއިން އެކި މިންވަރަށް ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފެންނަ މީހުންނާއި، އެމަންޒަރުފެނި ކުރާ އަސަރެއްގެ ބޮޑު ކަމުން ސަރުކާރުން ގެންނަ ތަރައްޤީ އަކީ ނުވާ ކަމެއް ކަމަށް ދެއްކުމަށް މަސައްކަތްކުރާ ބަޔަކުވެސް މި ޤައުމުގައި އެބަ އުޅެއެވެ.

އެއީ ކަންވާނެ ގޮތްވެސް މެއެވެ. ވާދަވެރި ސިޔާސީ މާޙައުލެއްގައި ގިނަ ޕާޓީތަކަކަށް ރައްޔިތުންގެ ފިކުރު ބެހިފައިވާއިރު ތިމާ ނުރުހޭ މީހަކު ކުރާ ރަނގަޅު ކަމަކުންވެސް ތިމާ އަށް ފެންނާނީ އައިބެވެ. އެހެންކަމުން ޤައުމަށް އަންނަ ތަރައްޤީ އެންމެންނަށް ނުފެނުމަކީ ޙައިރާންޖެހޭ ކަމެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް ޤައުމެއްގެ ހުރިހާ ރައްޔިތުން ހިތްހަމަ ޖައްސައި ދިނުމަކީ މުސްތަޙިއްލު ކަމެކެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. ރައީސް ޞާލިޙްގެ ދެ އަހަރެއްހާ ދުވަހުގެ ތަރައްޤީގެ ސްޕީޑް ވަޒަން ކުރުމުގައި މިފަހަރު މި ބަލާލަނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް އެމަނިކުފާނުގެ ސަރުކާރުން ގެންނަވަމުން ގެންދަވާ އިންޤިލާބީ ބަދަލުތަކަށެވެ. ޚާއްސަކޮށް ސިއްހީ ދާއިރާއިން އަތޮޅުތެރޭގެ ރަށްރަށަށް ސަރަޙައްދީ ފެންވަރުގައި ގެނެސްދޭ ތަރައްޤީއަށެވެ. ސިއްހީ ޚިދުމަތަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ކުރަށްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށެވެ.

އެގޮތުން ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި ގެނެސްދެއްވާފައިވާ ކުރިއެރުމަކީ ހުވަދުއަތޮޅުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ޚިދުމަތްތަކެކެވެ. ތިނަދޫ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މި ސަރުކާރުން ތައްޔާރު ވަމުން އަންނައިރު، ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރަށްވަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލްގައި ސީޓީ އާއި މެމޯގްރަފީ މެޝިން ބެހެއްޓުމަށް ބޭނުންވާ ޢިމާރާތް ނިންމާފައިވާއިރު، ވޯޑުތައް އެއަރކޮންޑިޝަންކޮށް ނިންމައި ޕެރެމެޑިކް އެންބިއުލަންސް މިހާރު ވަނީ ތިނަދޫ އަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ސަރުކާރުން އެ ހޮސްޕިޓަލަށް މުޅިން އަލަށް ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، އީ.އެންޓީ. މެޝިނަރީޒް ގެނެސްފައިވާއިރު، އަލްޓްރާ ސައުންޑް ސްކޭން މެޝިނާއި، އޯތޯޕެޑިކް ސާރޖަރީ ސެޓް ވަނީ ގެނެސްފައެވެ. ހަމައެއާއެކު ނިއޮނޭޓަލް ވެންޓިލޭޓަރާއި، ފިޒިއޯތެރަޕީއަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓެއް މިވަގުތު އެ ހޮސްޕިޓަލްގައި އެބަހުއްޓެވެ. ހަމަ އެއާއެކު އެ ހޮސްޕިޓަލްގައި 6 ސްޕެޝިއަލިސްޓް ޑޮކްޓަރުން ބައްލަވަމުން ގެންދަވާއިރު، 2 ރޭޑިއޮލޮޖިސްޓުންވެސް އެ ހޮސްޕިޓަލްގައި ޚިދުމަތުގައި އެބަ ތިއްބެވިއެވެ.

މިފަދަ ރިޕޯޓެއްގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ސިއްހީ ޚިދުމަތަށް އައިސްފައިވާ ކުރިއެރުމަށް ބަލާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. އެގޮތުން ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އެ ހޮސްޕިޓަލަށް އަލަށް ތަޢާރަފުކުރި ޚިދުމަތްތަކުގެ ތެރޭގައި ކާރޑިއޮލޮޖީ އާއި، ސްޕީޗް ތެރެޕީ އާއި، ސީޓީ ސްކޭން އަދި އެމް.އާރް.އައި ސްކޭން ގެ އިތުރުން އީ.އީ.ޖީ އަދި އީ.އެމް.ޖީ ގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު އިންހައުސް ފާރމަސީގެ ޚިދުމަތާއި، އީ.އެން.ޓީ އެންޑަރސްކޯޕީ ޚިދުމަތް ހިމެނެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރު ވެރިކަމަށް އައި ފަހުން އަލަށް ގެނެވިފައިވާ މެޑިކަލް މެޝިނަރީގެ ތެރޭގައި، އެމް.އާރު.އައި މެޝިނާއި، އެކްސް-ރޭ މެޝިންގެ އިތުރުން ސީޓީ ސްކޭން މެޝިނާއި، އީ.އެން.ޓީ އިކުއިޕްމެންޓާއި، އެންޑަސްކޯޕާއި، ކޮލޮނަސްކޯޕް ހިމެނެއެވެ. މި ސަރުކާރުން އެ ހޮސްޕިޓަލަށް 13 ފޮރިން ނަރުހުންނާއި، 3 ދާއިމީ ނަރުހުންނާއި، 4 ކޮންޓްރެކްޓް ނަރުހުން ވަނީ އިތުރުކޮށްދީފައެވެ. އޭގެ އިތުރުން 3 ސުޕަރ ސްޕެޝަލިސްޓުން ހިމެނޭގޮތުން އެ ހޮސްޕިޓަލަށް 40 ސިއްހީ ޚިދުމަތްތެރިން މި ސަރުކާރުން އިތުރުކޮށްދީފައިވެއެވެ. ހަމައެއާއެކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ޚާއްސަ ބަލިތަކުގެ 28 ޑޮކްޓަރުން ގެންދަވަނީ ޚިދުމަތް ދެއްވަމުންނެވެ.

ދެން އޮތީ ރާއްޖޭގެ އުތުރެވެ. ރާއްޖޭގެ އުތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލާލާއިރު އެ ހޮސްޕިޓަލްގައި 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށް ޚިދުމަތްދޭން ފަށާފައި ވާއިރު، އާ އިކުއެޕްމަންޓާއެކު އީއެންޓީ ކްލިނިކެއް ގާއިމްކޮށް ރިޖިޑް އެންޑަސްކޯޕީ، މައިނާރ އޯރަލް ސާޖަރީ އަދި އޮޓޯ އެންޑަސްކޯޕީފަދަ އާ ހިދުމަތްތައް ވަނީ ތައާރަފްކޮށްފައެވެ. އެ ހޮސްޕިޓަލުގައި ސީޓީ ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސްވެސް މިހާރު ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެންއައިސީޔޫ ޑިޕާޓްމަންޓްގައި ނިއުބޯން ވެންޓިލޭޓަރުގެ ހިދުމަތް ފަށައިފައިވާއިރު އެ ހޮސްޕިޓަލްގައި ޖީންއެކްސްޕާޓް މެޝިނެއް ގާއިމްކޮށް ކޮވިޑާއި ޕީއެސްއޭ ޓެސްޓް އަދި މެލެރިއާ އެންޓިޖަން ޓެސްޓްކުރެވޭގޮތް ވަނީ ހަދައިފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފިޒިއޮތޮރޮޕީ ޑިޕާޓްމަންޓްގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ އެ ހޮސްޕިޓަލަށް ފޮނުވައިފައެވެ. އެ ހޮސްޕިޓަލްގައި 4 އައިސީޔޫ އެނދުގެ އިތުރުން ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ވަނީ 50 އަށް އިތުރުކޮށްފައެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތުގައި 21 ޑޮކްޓަރުން ތިއްބަވާއިރު 98 ނަރުހުންވެސް ހޮސްޕިޓަލްގައި އެބަތިއްބެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް އެމަނިކުފާން ކުރަށްވަމުންގެންދަވާ މަސައްކަތްތަކާމެދު އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ޝުކުރުގެ ޖިޒީތައް ބަރުތީލަކުރަނީ މަތީގައި ދެންނެވުނު ޢަދަދުތަކުގެ ސަބަބުންނެވެ. އޭރާއި މިހާރުގެ ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނަމުންދާ އިންޤިލާބީ ބަދަލުތައް އެންމެކައިރިން ފެނި، އެންމެ ބޮޑަށް އެކަން ތަޖުރިބާ ކުރާ ބަޔަކީ ރަށްރަށުގެ ރައްޔިތުންނެވެ. މާލޭގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުންނަށް އެ މަންޒަރު ނުފެނުނަސް ރަށްރަށުގެ ރައްޔިތުންނަށް މުޅިރާއްޖެއަށް ފަތުރާލާފައިވާ ރައީސް ޞާލިޙްގެ ތަރައްޤީގެ ތަޞައްވަރު މިހާރުވެސް ދަނީ ތަޖުރިބާ ކުރެވެމުންނެވެ.

ސަރުކާރުން ވިދާޅުވަނީ ކޯވިޑްގެ ހާލަތުން އަރައިގަތުމާއެކު ރާއްޖޭގެ ތަރައްގީގެ ދުވެލި އަތު ނުވާ ވަރަށް ދުއްވައިގަންނާނެ ކަމަށެވެ. މިހާރު ނުފެށި ހުރި ރައީސް ޞާލިޙުގެ ވަޢުދުފުޅުތައްވެސް ހުރީ ކަރުދާހުގައި ލިޔެ ކުރެހި، އަގުކޮށް ހިސާބުޖަހައި ވިލަރެސްކޮށް ތަރުތީބު ކުރެވި، މާދަމާ ވެސް ފަށައިގަނެވޭ ވަރަށް ތައްޔާރުވެފައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު


0

މަގޫބޮސް

29-Sep-2020

ތިހުރީ އިންގިލާބީ ބަދަލުން ރައްޔިތުމީހާގެ ތަކުލީފުވަނީ ބޮޑު އާއިލާގެ ފިރިހެންމީހާ ހުންއައިސްގެން އެޗްޕީއޭ އަށް ގުޅިތާ 3 ދުވަސްފަހުން އައީ ސާމްޕަލްނަގަން ސާމްފަލް ނެގިތާ 3 ދުވަސްފަހުން ނަތީޖާ ލިބުނުއިރު ޕޮޒިޓިވް ދެން އޭގެ 3 ދުވަސްފަހުން އައީ ދެންތިބި މީހުންގެ ސާމްޕަލް ނަގަން އައިއިރުވެސް ޕޮޒިޓިވް ވި މީހާ އުޅެމުން ދިއައީ ހަމަ އެގޭގަ


-1

މަގޫބޮސް

29-Sep-2020

ތިހުރީ އިންގިލާބީ ބަދަލުން ރައްޔިތުމީހާގެ ތަކުލީފުވަނީ ބޮޑު އާއިލާގެ ފިރިހެންމީހާ ހުންއައިސްގެން އެޗްޕީއޭ އަށް ގުޅިތާ 3 ދުވަސްފަހުން އައީ ސާމްޕަލްނަގަން ސާމްފަލް ނެގިތާ 3 ދުވަސްފަހުން ނަތީޖާ ލިބުނުއިރު ޕޮޒިޓިވް ދެން އޭގެ 3 ދުވަސްފަހުން އައީ ދެންތިބި މީހުންގެ ސާމްޕަލް ނަގަން އައިއިރުވެސް ޕޮޒިޓިވް ވި މީހާ އުޅެމުން ދިއައީ ހަމަ އެގޭގަ