އިދިކޮޅު ޕީޕީއެމުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރި އިޙްތިޖާޖެއް (ފޮޓޯ: ޕީޕީއެމް)
އިދިކޮޅު ޕީޕީއެމުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރި އިޙްތިޖާޖެއް (ފޮޓޯ: ޕީޕީއެމް)
ރާއްޖޭގެ ސިޔާސީ ހަމަޖެހުން ބިނާވެފައިވަނީ ސިޔާސީ މީހުންގެ ޢަމަލުތަކުގެ މައްޗަށް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމުގައި އިންޑިއާގެ އެހީތެރިކަމަށް އިދިކޮޅު ޕީޕީއެމުން އެދިފައިވާތީ އެކަމާގުޅިގެން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީއާއި ދާޚިލީ ހަމަޖެހުން ބިނާވެފައި ވަނީ ސިޔާސީ ޕާޓީތައް ހިންގާ ފަރާތްތަކުގެ އަމަލުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެއިރެއްގައި ވެރިކަމުގައި ތިއްބަވާ ފަރާތްތަކާއި އިދިކޮޅުގައި ތިއްބަވާ ފަރާތްތަކުގެ ޒިންމާ އޮންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަކީ އެތެރޭގެ އެއްވެސް ހަނގުރާމައެއްނެތް މިނިވަން ޤައުމެއް ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ސިޔާސީ ފަރާތްތަކުން އާދަޔާ ޚިލާފަށް ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ޙައްލު ހޯދުމަށް އަވަށްޓެރި ޤައުމުތަކުގެ އެހީއަށް އެދޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ ސިޔާސީ ޕާޓީތައް އާދަޔަކަށް ހަދައިފި އެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމާއި ވާދަވެރިކަމުގެ ޙައްލު ހޯދުމަށް އަވަށްޓެރި ޤައުމުތަކުގެ އެހީ ހޯދުމަށް. ރައްޔިތުންނަށްޓަކައި ސިޔާސީ ޚިޔާލު ތަފާތުވާ މީހުންގެ ޑަޔަލޮގް ފަށަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ރާއްޖެއަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ސުބްރަމާނިއަމް ޖަޔާޝަންކަރްގެ އަރިހަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ކުރެއްވި ޒިޔާރަތުގައި، ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން އަންނަކަން ފާހަގަކޮށްފައި ވެއެވެ.

އަދި ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެ ކަމެއްކަން ޔަޤީންވާކަމަށް ދަންނަވައި، ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމަށް އިދިކޮޅު ކޯލިޝަނުންވަނީ އިންޑިއާގެ ކިބައިން އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން