މިރޭގެ މެޗުން ޔޫކްރޭން މޮޅުވި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މިރޭގެ މެޗުން ޔޫކްރޭން މޮޅުވި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ އެންމެފަހު މެޗުގައި މިރޭ ސްވިޑުން ބަލިކޮށް، ކުއާޓަ ފައިނަލްގެ ފަހުޖާގަ ޔޫކްރޭން ކަށަވަރުކޮށްފިއެވެ.

ސްކޮޓްލޭންޑުގެ ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި މިރޭ ރާއްޖެގަޑިން 00:00 ގައި ކުޅުނު މެޗު ޔޫކްރޭން ކާމިޔާބު ކުރީ ދެލަނޑު އެއް ލަނޑުންނެވެ. މިއީ ޔޫކްރޭން ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޔޫކްރޭން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރަކުއެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އެޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ މިހާރުގެ ކޯޗު އެންޑްރޭ ޝެވްޗެންކޯއެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޔޫކްރޭން އެވެ. އެ ޓީމުގެ ލަނޑު އެލެކްޒެންޑާ ޒެންޗެންކޯ ކާމިޔާބުކުރީ އަންޑްރީ ޔާމެލެންކޯ ދިން ބޯޅައިންނެވެ. ސްވިޑެންއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމީލް ފޯސްބާގް ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މެޗްގެ ނުވަދިހަ މިނެޓްގެ ކުޅުން ނިމުނުއިރުވެސް ދެޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ ދެހާފްގެ ތެރެއިން ފަހު ހާފްގެ އެންމެ ފަހު ވަގުތު ޔޫކްރޭން ވަނީ ގޯލެއް ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާޓެމް ޑޯބިކް އެވެ.

ޔޫކްރޭން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މިރޭ ޖަރުމަން ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދި އިނގިރޭސިންނާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން