ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖޭގައި އިސްލާމީ ތަރުބިޔަތާއި ޘަޤާފަތާއި ޙަޟާރަތު ދެމެހެއްޓުމަށް ޖަމިއްޔާއެއް އުފައްދައިފިއެވެ.


ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ މި ޖަމުޢިއްޔާ ރަޖިސްޓްރީ ކުރަށްވާފައިވަނީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއްގެ ނަމުގައެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ނަމުގައި އުފެއްދި މި ޖަމުޢިއްޔާގެ މަޤުސަދަކީ ތަޢުލީމާއި ތަރުބިޔަތާއި ފިކުރާއި އިސްލާމީ އަޚުލާޤާއި ޙަޟާރަތާއި ޘަޤާފަތާއި އިސްލާމީ މެދުމިނުގެ އުޞޫލުތައް ކުރިއެރުވުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހަމައެއާއެކު އެކުވެރިކަމާއި ޞުލްޙައާއި ސިލްމާއިސަލާމަތު ފަތުރައި ނެގެހައްޓުމުގެ އިތުރުން، ތަފާތު ދާއިރާތަކުން ޢިލްމީ ދިރާސާތައް ޝާއިޢުކޮށް، އިސްލާމީ އުންމަތާއި ރާއްޖެއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު ސަޤާފަތްތަކުގެ އަހުލުވެރިންނާއި ޞުލްޙަވެރި ގުޅުން އިސްކޮށް، މިކަންކަން ދަމަހައްޓައި ނެގެހެއްޓުންވެސް ޖަމިއްޔާ އުފެއްދި މަޤުސަދު ތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

އިތުބާރުހުރި މަސްދަރަކުން "ރަސްއޮންލައިން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަމިއްޔާގެ ރައީސަކަށް ވެވަޑައިގަންނަވާނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ޖަމިއްޔާގެ ލީޑަރޝިޕާއި ފިކުރީ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަަޤުވާމީ އެކި އެކި ޔުނިވަރސިޓީތަކުން ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ތަޖުރިބާހުރި، ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތައް ފުރުއްވާފައިވާ ގިނަ ބޭފުޅުންތަކެއް ފެނިގެންދާނެކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެފަދަ ބޭފުޅުންނަށް މި ޖަމިއްޔާގެ ތެރެއިން ފުރުޞަތު އޮތްކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޖަމިއްޔާގެ މެންބަރުންގެ ގޮތުުގައި އެހެނިހެން ޖަމިއްޔާތަކަށް ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. ޖަމިއްޔާގެ އަސާސީ ޤަވާއިދުގައިވާ ގޮތުން މި ޖަމިއްޔާ ހިންގާނީ, ރައީސާއި ހަތަރު ނައިބުންނާއި އެޑްވައިޒަރުންނާއި އެންވޯއީންނާއި ހިންގާ ކޮމެޓީގެ މަޤާމުތަކުގެ އިތުރުން އިސްލާމިކް އެޑްވައިޒަރީ ކައުންސިލެއްގެ މައްޗަށް އެކުލަވާލާ ބޯޑަކުންނެވެ.

އޭގެ އިތުރުން މި ޖަމިއްޔާގައި ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލް ދާއިރާތަކުން މުޝްތަޝާރުންވެސް ތިއްބަވާނެއެވެ. އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ލީޑަރޝިޕްގެ މަޤާމުތަކަށް މި އަންނަ ހަފްތާގައި މީހުން ޢައްޔަންކުރާނެ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު