ޞާދިރު ޢަލީދީދީ   10 ސެޕްޓެމްބަރު 2022 - 16:47
ޤިޔާމަތުގެ ޢަލާމާތްތައް
ޤިޔާމަތުގެ ޢަލާމާތްތައް
(ކުރީގެ އަދަދާއިގުޅޭ)

އިމާމް އަޙްމަދު އެކަލޭގެފާނުންގެ މުސްނަދުގައި ﷲ ރުއްސުންލެއްވި  ސިއްތުނާ ޢާއިޝާ ރަޟިޔަ ﷲ އަންހާގެ ކިބައިން ރިވާވެގެން ވެއެވެ. "ދެން ޢީސާ ޢަލައިހިއްސައްލާމް ފައިބާވަޑައިގަންނަވާނެއެވެ. އަދި ދައްޖާލު ޤަތުލުކުރައްވާނެއެވެ. އެއަށްފަހު 40 އަހަރުވާންދެން ބިންމަތީގައި ޢަދްލުވެރި އިމާމެއްގެ ގޮތުގައި އަދި އިންސާފުވެރި ޚާދިމެއްގެ ގޮތުގައި ވަޑައިގެން ހުންނަވާނެއެވެ. މި ޙަދީޘް ޝަރަޙަކުރެެއްވި ބޭކަލުން ލިއުއްވާފައިގޮތުގައި ޢީސާއަލައިހިއްސަލާމް ފައިބާވަޑައިގެން ހުންނަވާނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޝަރީޢަތުގައެވެ. އަދި އެޝަރީޢަތް ގާއިމުކުރައްވާނެއެވެ. އެކަލޭގެފާނު ވަޑައިގެން ހުންނަވާނީ ޢަދްލުވެރި އިމާމެއްގެ އަދި އިންޞާފުވެރި ޙާކިމެއްގެ ހައިޞިއްޔަތުންނެވެ.

މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި عبد الله بن عمرގެ ކިބައިން އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ޢީސާއަލައިހިއްސަލާމް މިބިންމަތީގައި ވަޑައިގެންހުންނަވާނީ ހަތް އަހަރުގެ މުއްދަތަށެވެ.

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީސާއަލައިހިއްސަލާމް މިބިންމަތީ ވަޑައިގެންހުންނަވާނީ 40 ނުވަތަ 45 އަހަރަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ 45 އަހަރުތެރޭ ޢީސާއަލައިހިއްސަލާމް އެންމެ ފުރަތަމަ ދުނިޔެ ވަޑައިގެން އުޅުއްވި 38 އަހަރުފުޅު ހިމެނިވަޑައިގަންނަވައެވެ. ޢީސާއަލައިހިއްސަލާމް އުޑަށް އުފުއްލެވުނީ އެކަލޭގެފާނުގެ އުމުރުފުޅުން 38 އަހަރުފުޅުގައެވެ.

6. ޔާޖޫޖާއި މާޖޫޖު ނިކުތުން:

ކީރިތި ޤްރުޢާންގެ ދެތަނެއްގައި ޔާޖޫޖު މާޖޫޖުގެ ވާހަކަ އައިސްފައިވެއެވެ. އެއީ ކަޙަފް ސޫރަތާއި ސޫރަތުލް އަންބިޔާއުގައެވެ.

ޛުލްޤަރްނައިން ޔާޖޫޖުމާޖޫޖް މީހުން ނުކުތަނުދިނުމަށްޓަކައި ވަރަށް ގަދަފަދަ ދަގަނޑު ފާރެއް ލެއްވުމަށްފަހު ވިދާޅުވިއެވެ. މިކަންތަ މިވީ އަޅުހައްދަވައި ގެންގުޅުއްވާ އިލާހުގެ ރަޙްމަތުންނެވެ. އެ ހިލާހުގެ ވަޙީގެ ބަސްފުޅު ފުރިހަމަވުމުން އެ މައްޓަވާ ކުދިކުދި ކޮށްލައްވާނެއެވެ. އަދި ވިދާޅުވިއެވެ. އަޅުހައްދަވައި ގެންގުޅުއްވާ އިލާހުގެ ވަޙީގެބަސްފުޅު ތެދެވެ. އަދި އަހަރެން އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއަށް ކަނޑުގެ ރާޅުތައްފަދައިން އަރައިގަތުމަށް ދޫކުރައްވާނަމެވެ. އަދި ތާޅަފިލި ފުމެލެވޭނެއެވެ. ފަހެ އަހަރެން އެބައިމީހުން ޖަމަޢު ކުރައްވާނަމެވެ.

ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޛުލްޤަރްނައިން ލައްވަވާފައިވާ ފާރު ވެއްޓުމުން ޔާޖޫޖްމާޖޫޖުގެ އޮއިވަރު އަތުވެދާނެއެވެ.

ކީރިތި ޤްރުޢާނުގައި އަންބިޔާޢު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންކަލާނގެ އެރަށެއްގެ މީހުން ހަލާކުކުރައްވައިފި ރަށެއްގެ ބަޔަކަށް ކަނޑައެޅިފައިވަނީ (އެބައިމީހުންގެ ނުބައިކަމާއި ޣާފިލުކަމުން އެމީހުން އެބުރި ރުޖޫޢަ ނުވާނެކަމެވެ. ޔާޖޫޖްމާޖޫޖު ދޫކޮށްލެވޭ އިރަކުން އެބައިގަނޑު ބިމުގެ އެންމެހާ އުސްތަނަކުން ދުވަމުންފައިބާނެއެވެ. އަދި ﷲ ގެ ޙައްޤު ވަޢުދުގެ ބަސްފުޅު ކައިރިވެދާނެއެވެ. އެވަގުތު ބިރުވެރިކަމާއި ހައިރާންކަމުން މީސްތަކުންގެ ލޯތައް ހުޅުވިފައި ހުރެދާނެއެވެ. އެއީ ﷲ ގެ އާޔަތައް ދޮގުކުރި މީހުންގެ ލޯތަކެވެ. ހަމަ އެވަގުތު އެމީހުން ގޮވާނެތެވެ. އޭ އަހަރެމެންގެ ހަލާކެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހަރެމެންވީ މި ބިރުވެރި ވަޤުތުން ޢާފިލުވެގެންފައެވެ. އަދި ކީއްހެއްޔެވެ؟ އަހަރެމެންވީ އަނިޔާވެރީން ކަމުގައެވެ."

ކީރިތި ޤުރްޢާނުގެ އާޔަތްތައް ފިޔަވައި ވަރަށް ގިނަ ހަދީޘްތަކުގައިވެސް ޔާޖޫޖްމާޖޫޖާ ބެހޭގޮތުން ވާރިދުވެފައިވެއެވެ. މިދެންނެވި ހުރިހާ ރިވާތަކުގައިވެސް ޚުލާސާއަކީ ޔާޖުޖްމާޖޫޖަކީ ތަފާތު ފަރުބަދަތަކުގެ ޤަބީލާތަކުގެ މައްޗަށް އެކުލެވިގެންވާ ހަރުކަށި ހަނގުރާމަވެރި، ބޮޑާވެގެންފައިވާ އަނިޔާވެރި ޤައުމެކެވެ. އެބައިމީހުން ފަރުބަދަތަކުގައި އެބައިމީހުން އުޅޭތަންތަނުން ނިކުމެ ކުރިމަތިވާ ކޮންމެ ހުރަހެއް ފުޑުކުރަމުން ވަރަށް ހަލުވިކަމާއެކު ނުހަނު ބާރަށް ތަފާތު ހިސާބުތަކަށް ފެތުރިގެންފާނެއެވެ. އަދި އެބައިމީހުންގެ ގަދަފަދަ ހަނގުރާމަވެރިކަމުގެ ބާރު ބޭނުންކޮށްގެން ދުނިޔެ ތަޅާފުނޑުފުނޑު އަރުވާލާނެއެވެ. އެބައިމީހުންގެ އަތްދަށުން މުސްލިމުންނަށް ވަރަށް ބޮޑު އުދަގޫތައް އުފުލަންޖެހޭނެއެވެ. އަދި އެ އަނިޔާވެރިން ނެތިކޮށް ދެއްވުންއެދި ﷲ ގެ ހަޟްރަތުގައި ދުޢާކުރާނެއެވެ. އެންމެފަހުން އެބައިމީހުންގެ ތެރޭގައި ނުބައި ބައްޔެއް އުފެދިދާނެއެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާގޮތުން އެބައިމީހުންގެ ކަނދުރާތަކުގައި ފަނިތައް ެއުފެދި އެއެންމެންތައް ހަލާކުވެ ނެތިދާނެއެވެ. އަދި މިކަމަކީ ޤިޔާމަތް ކައިރިވުމުގެ އަލާމާތެކަމަށެވެ.

ޢިލްމުވެރިންގެ ތެރެއިން ބައެއްބޭކަލުން ވިދާޅުވެފައިވަނީ ޔާޖޫޖްމާޖޫޖުބާގައިގެ މީހުން ހިޖުރައިން 6 ވަނަ ޤަރުނުގައި ފާޅުވެއްޖެކަމުގައެވެ. އެއީ މެންގޯލިއާގެ ތަތާރީންނެވެ. އެމީހުންވަނީ ފުރަތަމަ ޗަންގޭޒްޚާނާއެކު ދެން ހަލުކޫޚާނާއެކުވެގެން ދުނިޔޭގެ ވަރަށް ފުޅާ ތަނަވަސް ދާއިރާއަކަށް ޚާއްސަކޮށް އިސްލާމީ ޢާލަމަށް ގެއްލުމާހަލާކު ދީފައެވެ. އެމީހުން ފަތަޙަކުރި ހިސާބުގައި މިމީހުންގެ މައްޗަށް އެމީހުން ދިން އަނިޔާއިން އުޑާއިބިން ހިލިގެން ދިޔައެވެ. ޢިލްމުވެރިން ބަޔާންކުރައްވަނީ ޤުރްޢާނުގައި ބަޔާންވެގެންވާ ހުރިހާ ޢަލާމާތްތަކެއް ތަތާރީންގެ ކިބައިގައި ވާކަމަށެވެ. މިޚިޔާލާއިޚިލާފަށް އެހެން ހުރިހާ ޢިލްމުވެރިން ވިދާޅުވެފައިވަނީ ޔާޖޫޖްމާޖޫޖު ބާގައިގެ މީހުން ފާޅުވުން ވަނީ ޤިޔާމަތްވުމާ ވަރަށް ކައިރި ޒަމާނެއްގައި ކަމަށެވެ. ޔާޖޫޖްމާޖޫޖު ބާގައިގެ މީހުންނަށްފަހު ޤިޔާމަތްވުން މާލަސްނުވާނެކަމުގައެވެ. ބައެއް ހަދީޘްތަކުން ހާމަވާގޮތުގައި ޔާޖޫޖްމާޖޫޖު ފާޅުވާނީ ޢީސާ އަލަހިއްސަލާމުގެ ޒަމާނުގައެވެ. އެބަހީ ޢީސާ އަލަހިއްސަލާމު މިބިމަށް ފައިބައިވަޑައިގަތުމުންނެވެ.

7. ، 8. އަދި 9. ބިންފެޅިގެން އަޑިއަށްދިއުން:

ބޮޑެތި ތިން ޚަސްފުގެ ގޮތުގައި ބިންގަނޑުފެޅިގެން އަޑިއަށްދިއުން (ލޭންޑް ސްލައިޑް) ދުނިޔެއަށް އާދެއެވެ. އެޒަލްޒަލާތަކުގައި ބިންގަނޑުފެޅިގެން އަޑިއަށް ދިއުމުގެ ބިރުވެރި މަންޒަރުތައްވެސް ފެނިފައި އަދި އިވިފައިވެއެވެ. ޤިޔާމަތް ކައިރިވުމުން ދުނިޔޭގައި މިބާވަތުގެ އާދަޔާޚިލާފު ތިން ޚަސްފުވާނޭކަން ޙަދީޘްތަކުން ސާބިތުވެއެވެ. ނަމަވެސް އެޒަލްޒަލާ އަންނާނީ ކޮންހިސާބެއްގައި ކޮންތާކު ކަމެއް ކަނޑައެޅިގެން އެނގެންނެތެވެ.10. ޔަމަނުން ނިކުންނަ ގަދަފަދަ އަލިފާންގަނޑު:

ޔަމަނުކަރައިން ނިކުންނަ ގަދަފަދަ އަލިފާންގަނޑު މީސްތަކުންނާއެކު މަޙްޝަރާ ދިމާލަށް ގެންދާނެއެވެ. މިއަލިފާން އަދާނެގޮތަކާއި، އޭގެ ދިފައާމެދު ޙަދީޘްގައި ތަފްސީލެއް ބަޔާންވެގެނެއް ނުވެއެވެ. އެހެނަސް އެއަލިފާން ފާޅުވާނީ ޤިޔާމަތްވުމާއެކުގައި ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން