ޙުސައިން ރަޝީދު އަޙުމަދު   17 މާރިޗު 2023 - 10:20
އިންސާނާ ދުނިޔެމަތީ ކުރާކަމަކުން ޖަޒާލިބުން އޮންނަނީ ބޭރުފުށުން ފެންނަ ހެކިތަކުންނެވެ.
އިންސާނާ ދުނިޔެމަތީ ކުރާކަމަކުން ޖަޒާލިބުން އޮންނަނީ ބޭރުފުށުން ފެންނަ ހެކިތަކުންނެވެ.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

އިންސާނާ ދުނިޔެމަތީ ކުރާކަމަކުން ޖަޒާލިބުން އޮންނަނީ ބޭރުފުށުން ފެންނަ ހެކިތަކުންނެވެ. މީހާގެ ހިތް އެނގިވޮޑިގެންވަނީ ﷲ އަށެވެ. އެމީހާއަށް ވުރެން ބޮޑަށް އެމީހާގެ ހިތުގައިވާ އެއްޗެއް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިބީންނަކަށް އޭނާގެ ހިތްފަޅާލާފައި ބެލުމުގެ ބާރެއް ނޯވެއެވެ. މުސްނަދުއް ޝާފިޢީގެ 1/13 ގައި މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި އިމާމު މާލިކުގެ ކިބައިން އިމާމު ޝާފިޢީ ރިވާކުރަށްވާފައި ވެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢުބައިދު ﷲ އިބްނި ޢަދިއްޔު ވިދާޅުވި ކަމަށް ވެއެވެ. أَنَّ رَجُلًا مِنَ الْأَنْصَارِ حَدَّثَهُ أَتَى رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ فِي مَجْلِسٍ فَسَارَّهُ يَسْتَأْذِنُهُ فِي قَتْلِ رَجُلٍ مِنْ الْمُنَافِقِينَ فَجَهَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَلَيْسَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ قَالَ الْأَنْصَارِيُّ بَلَى يَا رَسُولَ اللَّهِ وَلَا شَهَادَةَ لَهُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَلَيْسَ يَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ قَالَ بَلَى يَا رَسُولَ اللَّهِ وَلَا شَهَادَةَ لَهُ أَلَيْسَ يُصَلِّي قَالَ بَلَى يَا رَسُولَ اللَّهِ وَلَا صَلَاةَ لَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُولَئِكَ الَّذِينَ نَهَانِي اللَّهُ تَعَالَى عَنْهُمْ (އަންޞާރިއްޔަ ބޭކަލަކު ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު އެކަލޭގެފާނު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހު މަޖްލީހެއްގައި ބައިވެރިވެ ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަށް މިވެނި މުނާފިޤަކު ޤަތުލުކުރުމުގެ ހުއްދަ ދެއްވަންވީ ނުންތޯއެވެ؟ އެކަމާ ކީރިތި ރަސޫލާ ސީދާ އިންކާރު ކުރެއްވިއެވެ. އަދި ޙަދީޘު ކުރެއްވިއެވެ. އޭނާ ޝަހާދަތުގެ ދެކަލިމަ ނުކިޔާ ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އާދޭހެވެ! އެހެނަސް އޭނާގެ ޝަހާދަތަކީ ދުލުކޮޅުން ކިޔައިގެންއުޅޭ ޝަހާދަތެއް ނުންތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އޭނާ ނަމާދު ނުކުރޭ ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ ނަމާދު ނުކުރާފަދަ ނޫންތޯއެވެ؟ އޭނާ އެކަންތައްތަކާމެދު ދެފުތް ދެގޮތް ކުރެއެވެ. އެކަންކަން ކުރަނީއަކީ ހިތުން ރުހުމަކުން ނޫނެވެ. އެހިނދު ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. އެފަދަ މީހުން މެރުމަށް މަތިވެރި މާތް ﷲ ވަނީ ތިމަންކަލޭގެފާނަށް މަނާކުރަށްވާފައެވެ.) އެހެން ރިވާޔަތެއްގައި ވެއެވެ. (ތިމަން ކަލޭގެފާނަށް އަންގަވާފައިވަނީ ބޭރުފުށަށް ޙުކުމް ކުރެއްވުމަށެވެ. ސިއްރުތައް ބައްލަވައިވޮޑިގެން އެކަމާމެދު ނިޔާ ކަނޑައަޅުއްވަނީ ﷲ އެވެ.)
އިމާމު ޝާފިޢީގެ ކިބައިން އިމާމު ބައިހަޤީ ރިވާކުރަށްވާފައި ވެއެވެ. މިތާގައި މުނާފިޤު ކަލޭގެ ޤަތުލު ކުރުމަށް ހުއްދައަށް އެދުމުން އޭނާއަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚަބަރު ދެއްވީ އޭނާ އިސްލާމްކަން ފާޅުކުރާހައި ހިނދަކު މާތް ﷲގެ ޙަޟުރަތުން އެފަދަ މީހުން ޤަތުލުކުރުން މަނާކުރަށްވާފައި ކަމަށެވެ.

އަދިވެސް އިމާމު ޝާފިޢީ ރިވާކުރަށްވާފައި ވެއެވެ. އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން އެކަލޭގެފާނު ރިވާކުރަށްވާފައި ވެއެވެ. އެއްފަހަރަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޣަނީމަތުގެ މުދާ ބެއްސެވި ގޮތާމެދު ހިތްހަމަ ނުޖެހިގެން، ﷲ އަށް ބިރުވެތިވެ ވަޑައިގެން ޢަދުލު އިންޞާފަށް ބައްސަވާށޭ ކީރިތި ރަސޫލާގެ އަރިހު މީހަކު (މުނާފިޤަކު) ދެންނެވުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޚާލިދު އިބްނި ވަލީދު އޭނާ ޤަތުލު ކުރުމަށް ޙުކުމަކަށް އެދިވަޑައިގަތެވެ. އެހިނދު ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. " لَا لَعَلَّهُ يَكُونَ يُصَلِّي" ނޫނެކެވެ. އޭނާއަކީ ނަމާދުކޮށް އުޅޭ މީހެއްކަން ނޭގޭ ނޫންހެއްޔެވެ. މިބަސްފުޅާމެދު ޚާލިދުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމާމެންގެ ކިބައިގައި ނެތްކަންތައް ދުލުން ބުނެއެޅޭ މީހުންގެ ތެރެއިން ނަމާދު ކޮށްހަދާ ވަރަށް ގިނަ މީހުން އުޅޭނޫންތޯއެވެ؟ ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. މީސްތަކުންގެ ބަނޑު ފަޅާލައިގެން ހިތްތަކަށް ފާރަލުމަށް ތިމަންކަލޭގެފާނަށް އަންގަވާފައި ނުވެއެވެ.

މިޙަދީޘުން ސާބިތުވާ ކަމަށް ޢިލްމުވެރިން ވިދާޅުވާ ބައެއް ކަންތައްތައް:
ބައެއް މުނާފިޤުން މެރުމަށް ހުއްދައަށް އެދި އަޞްޙާބު ބޭކަލުން ދަންނަވާފައި ވަނީ އެއީ ހަމައެކަނި މުނާފިޤަކަށް ވާތީއެއް ނޫނެވެ. އެހެންނާ މަދީނާގައި ގިނަ ޢަދަދެއްގެ މުނާފިޤުން ތިއްބެވެ. އެހެނަސް އަޞްޙާބު ބޭކަލުން އެކަމަށް އެދި ވަޑައިގަންނަވަނީ މުނާފިޤުންގެ ތެރެއިން މުސްލިމުންނަށް ދަތިކޮށް އުނދަގޫކޮށް ބޮޑެތި ޖަރީމާ ހިންގައި އުޅޭ މީހުންނަށެވެ.

އެއްވެެސް މީހަަކަށް ޙުކުމް ކުރެވޭނީ ބޭރުފުށުން އެމީހާގެ ކިބައިން ފެންނަ ކަމަކުންނެވެ. މީހެއްގެ އެތެރެފުށެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. ތިމާއަށް ހީވާ ހީވުމުގެ މައްޗަށް ބަލައި އެއްވެސް މީހަކަށް ޝައްކުކޮށް އެކަމާމެދު އެމީހަކަށް ޙުކުމްކޮށްގެން ނުވާނެއެވެ. މީހުން މެރުމަކީ އިސްލާމް ދީން ތަރުޙީބުދޭ ކަމެއް ނޫނެވެ. އިސްލާމް ދީން އަންގަނީ ޝަރުޢީގޮތުން ބޮޑު ޖަރީމާއެއް ހިންގާފައިހުރި މީހަކުނަމަ އެމައްސަލަ ޝަރީޢަތުން ބަލައި ޙުކުމާއެކު އެފަދަ ޙުކުމެއް ސީދާ ދައުލަތުން ތަންފީޒުކުރުމަށެވެ. މީސްތަކުން އަމިއްލަ އަމިއްލައަށް މީހުން މެރުމަކީ ނުވަތަ ޙުކުމް ތަންފީޒު ކުރުމަކީ އިސްލާމް ދީން ކަނޑައެޅިގެން އިންކާރުކުރާ ކަމެކެވެ.

ޣައިރު މުސްލިމުންނަކީ އިންސާންވަންތަކަމުގެ ގޮތުން މުސްލިމުންގެ އަޚުންނެވެ. އެމީހުންނާމެދު މުޢާމަލާ ކުރަންވާނީ އިންސާފުންނެވެ. މާތް އަޚްލާޤުގެ ދަށުންނެވެ. އެއިން މީހަކު މުސްލިމުންނާ ޢަދާވާތްތެރިވާހިނދު އެފަދަ މީހަކާ އެބީދައިން މުޢާމަލާކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު