އެސްޓީއޯ "ރޯދަ މާޓް" ފިހާރައިގެ އަމިއްލަ ވިޔަފާރިތަކަށް ހަރުތަކެއް ދޫކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރޯދަމަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި "ރޯދަ މާޓް" ނަމުގައި އެސްޓީއޯއިން ފިހާރައެއް ހުޅުވާފައިވަނީ އިއްޔެއެވެ.

މި ފިހާރަ ހުޅުވުމާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ، މި ހުޅުވުނު ފިހާރައިން ރޯދަ މަހު ހުޅުމާލެ ފޭސް 2 ގައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. ހަމައެއާއެކު އެ ފިހާރައިގެ ހަރުތަކެއް އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

"މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް ވަނީ ދޫކުރެވިފަ. އަދި ހެދިކާ ހަދާ އަމިއްލަ ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ. އެންމެނަށްވެސް ލުއިފަސޭހަ ރޯދަމަހަކަށް އެދެން." އަމްރު ވިދާޅުވިއެވެ.

ރޯދަމަހަށް ޚާއްސަކޮށް އެސްޓީއޯއިން ހުޅުމާލޭގައި މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް (9 ނަންބަރު ޓަވަރު) ގެ ތިރީގައެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެސްޓީއޯއިން ބުނީ މިއީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި ފިހާރައެއްކަމަށެވެ. އަދި އެ ފިހާރައިން ލީޒިންގް ޕާޓްނަރުންގެ މުދަލާއި ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކުރާރީގެ ބާވަތްތައްވެސް ތާޒާކަންމަތީ ލިބިގެންދާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން އެ ފިހާރަ ކުރިމަތީގައި ހެދިކާ ވިއްކުމުގެ ފުރުސަތު އާންމުންނަށް ދޭނެކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން