އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީނަށް ގެއްލުނީ އެފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތުމާއި ނުގަތުން ސުވާލެއްގެތެރޭގައި އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ.

އެސުވާލަކީ ޚުދު ރައީސް ޔާމީންގެ ހިތްޕުޅުގައިވެސް އޮތް ސުވާލެކެވެ. އެމަނިކުފާނު ޖަލަށް ވަޑައިގަތުމުން ޕީޕީއެމްގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު "މިނިކާ ބާޒު"ތަކަށް ނުދިނުމަށް އެމަނިކުފާނު އޮތީ މާކުރިންވެސް ވަސިއްޔަތް ކުރައްވާފައެވެ. އެއީ އެފަދަ ބަޔަކު ޕީޕީއެމްގެ ބާރު ބޭނުންވެފައި ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީއެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައިވަނިކޮށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ޖަލުޙުކުމާއެކު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. އެކަން އެހެންގޮތަކަށް ބަދަލުކުރެވޭތޯ ސުޕްރީމްކޯޓަށް ހުށަހެޅުމުން އެކޯޓުން ނިންމީ ރައީސް ޔާމީންގެ ޝަރުޠުހަމަނުވާކަމަށެވެ.

ކޯޓު މަރުޙަލާގެ ކުރިންވެސް އަދި ފަހުންވެސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްނަމަ ޕީޕީއެމްގެ ޓިކްޓު ބޭނުންވާ ބައެއްގެ ވާހަކަ މީޑިއާގައި ދިޔައީ ދެކެވެމުންނެވެ. އެފަދަ ނަންތަކުގެ ތެރެއިން އެއް ނަމަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ޔާމީން ހުންނެވީ ޝަރުޢީ ބަންދެއްގައިކަމަށްވުމުން، އެމަނިކުފާނަށް ވާދަކުރެވޭތޯ ބަލަންނުތިބެ ޔާމީން ނޫން ކެންޑިޑޭޓަކާމެދު ވިސްނުމުގެ ވާހަކަތައް ޑރ. މުޢިއްޒުއަށް ތާއީދުކުރާ ބައެއް މީހުންގެ ފަރާތުން އިވެމުންވެސް ދިޔައެވެ. އެފަދަ ބައެއް މީހުންނާމެދު ޕީޕީއެމުން ފިޔަވަޅުވެސް އެޅިއެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯއްދަވަން ޑރ.މުޢިއްޒު މާކުރިންވެސް އައީ މަސައްކަތް ކުރައްވަމުންކަން ސާފެވެ. އަދި މިކަމާ ރައީސް ޔާމީނާއި އެމަނިކުފާނަށް ވަފާތެރި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް އަދި ޢާންމު މެމްބަރުންވެސް ޑރ. މުޢިއްޒާ ނުރުހޭކަން ސާފެވެ.

ކޮންމެއަކަސް ޑރ. މުޢިއްޒު ޕީޕީއެމްގެ ނައިބު ރައީސަކަށް ހުންނަވާފައި އެޕާޓީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއިކުރަށްވައި ޕީއެންސީގެ ޓިކެޓު ހޯއްދެވިއެވެ. އެއީ ދެޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމެކެވެ. އޭރު އެ ލީޑަރޝިޕްގައި ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް ޑރ.ވަޙީދު ވިދާޅުވަނީ ޑރ.މުޢިއްޒު ޓިކެޓު ހޯއްދެވީ ރައީސް ޔާމީނާ ދެކޮޅަށްކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ އަޣުލަބިއްޔަތު ގަނެގެންކަމަށެވެ. ރައީސް ޔާމީން އޮތީ އިންތިޚާބު ބޮއިކަޓްކުރަން އަންގަވާފައިކަމަށާ، ޕްލޭން ބީއަކީވެސް ޕީޕީއެމްގެ ބޭފުޅަކަށް ޓިކެޓު ދިނުންކަމަށެވެ. އަދި އެއީ ޑރ.މުޢިއްޒު ނޫންކަމަށެވެ. ކޮންމެއަކަސް މިކަމުގެ ހަޤީޤަތް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށެވެ.

ރައީސް ޔާމީން ޑރ.މުޢިއްޒު އެންޑޯޒްކުރެއްވިކަން ރައީސް ޔަމީންގެ ޤާނޫނީ ވަކީލުން ޢިއުލާންކުރެއްވިއިރު ޑރ.މުޢިއްޒު ހުންނެވީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގައެވެ. އެތަނަށް ވަޑައިގެންނެވި އިރުވެސް ޕާޓީގެ ލީޑަރޝިޕެއް މުއިއްޒުގެ ފަހަތްޕުޅަކު ނެތެވެ. އަރިހުގައި ތިއްބެވީ ރަނިންގމޭޓާއި ވަގުތީ ލީޑަރު އަބްދުއްރަހީމެވެ. އަބުދުއްރަހީމަކީ މުޢިއްޒުގެ ވަފާތެރިއެއްކަމަށް ބުނާ ވާހަކަތައް މީގެކުރިންވެސް ވަނީ އިވިފައެވެ.

މުއިއްޒުގެ ޓިކެޓާމެދު ޕީޕީއެމް/ޕީއެންސީގައި އޮތް ނުތަނަވަސްކަމަށްފަހު މިހާރު އަންނަނީ ގަދަޔަށް ކެމްޕެއިން ކުރައްވަމުންނެވެ. އެހެންނަމަވެސް އަދިވެސް އެނުތަނަވަސްކަން މުޅިން ފިލައި ނުދާކަމަށް ބުނާ އަޑުތައްވެސް މަޑެއް ނޫނެވެ.

މިހެން މިކަން އޮއްވައި ކުއްލިއަކަށް އޮންލައިން ނޫސް "އަދަދު"އިން ރިޕޯޓުކުރި ޚަބަރަކާއެކު މަސްރަޙު ހޫނުވެއްޖެއެވެ. އެނޫހުގެ އެތެރެފުށް ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅަކަށް ރައީސް ޔާމީން ދެއްވި ކަމަށްބުނާ ރައްދެއް ނުވަތަ ހިތްޕުޅާ ނުވެގެން ވިދާޅުވި ބަސްފުޅެއް އަދަދު ނޫހުން ރިޕޯޓު ކުރިއެވެ.

ކެމްޕޭން ޖަލްސާތަކުގައި ލީޑަރޝުޕުން ވިއްކާ އެންމެ މުހިންމު ވާހަކައަކީ މުއިއްޒަށް ރައީސްކަން ލިބިވަޑައިގަންނަވާ ދުވަހުން ފެށިގެން ޔާމީން މިނިވަން ވާނެ ވާހަކައެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ މުއިއްޒު ވެރިކަމުގެ ހުވައި ކުރަށްވާނީވެސް ރައީސް ޔާމިންގެ ކުރިފުޅުމަތީގައި ނުވަތަ ހާޒިރުގައި ކަމަށެވެ. އެބޭފުޅުން މިހެން ވިދާޅުވުމުން ގިނަ ފަހަރަށް މުއިއްޒު އަތްޕުޅެއް ވެސް ނުޖައްސަވައެވެ. އަދި މުޢިއްޒު އެވާހަކަ ދައްކަވާ ގޮތާއި ރާގުވެސް ވަރަށް ތަފާތެވެ. މުއިއްޒު ވިދާޅުވަނީ ރައީސްކަމަށް ވަޑައިގެން ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމިން މިނިވަން ކުރަށްވާނެ ވާހަކަފުޅެވެ. އެވިދާޅުވާ ބަސްފުޅުގެ މައުނަ ވަރަށް ސާފެވެ. ގާނޫނީ ހަމަތަކުގެ މަތީން ޔާމިން މިނިވަން ކުރެވޭނީ މިހާރުވެސް އެކަން ކުރިއަށް އެދާގޮތަށް ޝަރުޢީ މަރުހަލާގެ ތެރެއިންނެވެ. ހައިކޯޓާއި ސްޕްރީމް ކޯޓުގެ ތެރެއިންނެވެ.

އަދަދަށް ދެއްވި އިންޓަރވިއުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުން، އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތިކަމަށް ނުވަތަ ރައީސް ޔާމީން ވިދާޅުވާ ގޮތަށް ނޫންކަން މޭރުންވާ އެތައް ވާހަކަތަކެއް ދައްކަވައެވެ. ވިދާޅުވަނީ އިގުތިޞާދީ ކަންކަމުގައި ރައީސް ޔާމީންގެ ތަޖުރިބާ ބޭނުން ކުރެއްވިދާނެ ވާހަކައެވެ. ވެރިކަން ކުރަށްވާނީ ޔާމިން ނޫންކަން ވަރަށް ފާޅުގައި ވިދާޅުވެއެވެ. އަދި ޔާމިން ހެއްދެވި ގޮތަށް ކެމްޕޭނަށް ލިބިވަޑައިގަންނަވާ ފައިސާ އަމިއްލަ އެކައުންޓަށް ނުލައްވާނެ ކަމަށް ވެސް ކަނޑައެޅިގެން ވިދާޅުވެއެވެ.މި ވާހަކަތަކާއި ގުޅިގެން ވަރަށް ކޯފާއިސްކުރަށްވައި ރައީސް ޔާމީން ޑރ. މުއިއްޒަށް ރައްދު ދެއްވީ ނުވަތަ އެކަމާ ނުތަނަވަސްވެ ރުޅި އިސްކުރަށްވައި އެބުނާ މެސެޖެއް ދެއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު ކޯޓު ރޫމު ތެރޭގައި ހުންނަވައިގެންކަމަށް އަދަދު ނޫހުން ބުނެއެވެ. އަދަދަށް އެކަން އެނގުނީ އެވަގުތު ކޯޓުރޫމުގައި ތިއްބެވި ބައެއް ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް އެވާހަކަތައް އަދަދަށް ކިޔައިދިނުމުންކަމަށް އެނޫހުން ބުނެއެވެ.

"މުއިއްޒު އިހައްދުވަހު އިންޓަވިޔުއެއްގައި ވިދާޅުވެއްޖެ، ވެރިކަން ކުރާނީ އަމިއްލައަށޭ، ޔާމީނެއް ނޫނޭ، މިއީ ކޮން ވާހަކައެއްތޯ؟ އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނޫން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ. ކޮން ބައެއް މުއިއްޒު ދަންނަނީ؟ ކޮން ބައެއް މުއިއްޒު ދަންނަނީ؟ މާލޭން ބޭރަށް ދިޔަވެސް މީހެއްތޯ މުއިއްޒަކީ؟ އެހެންވީމާ މުއިއްޒުއަށް ދަންނަވާ، ސައީދަށް ދެންނެވޭނެ، ޓޮމްއަށް ދެންނެވޭނެ، މުއިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި." ރައީސް ޔާމީން ވިދާޅުވިކަމަށް ބުނެ އަދަދު ނޫހުން ރިޕޯޓުކޮށްފައިވަނީ މިހެންނެވެ.

ރައީސް ޔާމީން ވިދާޅުވިކަމަށް ބުނާ މިވާހަކަފުޅު އެމަނިކުފާނު ވިދާޅުވިއިރު އެތަނުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ހުންނެވިކަމަށް ވެއެވެ. މިއީ ރައީސް ޔާމީނާ ވަރަށް އަރިސް ދެބޭފުޅުންނެވެ. އަދި އެދުވަހުގެ ޝަރީޢަތުގެ އަޑުުއެހުމަށް ވަޑައިގެން ރައީސް ޔާމީން ކޯޓުން ނުކުމެވަޑައިގަންނަވަންދެން ވެސް އެތަނުގައި ތިއްބެވި ދެބޭފުޅުންނެވެ.

އަޅުގަނޑުގެ ސުވާލަކީ، މިއަދު ޕީޕީއެމްގެ ލިޑަރޝިޕްގެ އިސް ބައެއް ބޭފުޅުންނާއި، ރައީސް ޔާމީންގެ ވަކީލުން ޢަދަދު ނޫހުގެ ވާހަކަ ދޮގުކޮށް ފާޑުކިޔާއިރު ސަޢީދާއި ޓޮމްގެ ޚަބަރެއް ނެތީ ކީއްވެހެއްޔެވެ؟ އެދެބޭފުޅުން މިވާހަކަތައް ދޮގުނުރައްވަނީ ކީއްވެހެއްޔެވެ؟ މިއީ ޖަވާބު ލިބެންޖެހޭ ސުވާލު ތަކެކެވެ. އެނޫހުގައި އެވަނީ ދޮގުކަން ނުވަތަ ނޫންކަން އެދެބޭފުޅުންގެ ދުލުން އެބަ ވިފާޅުވާން ޖެހެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ބައެއް ބޭފުޅުންނާމެދުވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ޝައްކުގެ ނަޒަރަކުން ބަލާކަމުގެ އަޑުތައް އިވެއެވެ. އެހެންކަމުން މިމައްސަލަ އެންމެ ސާފުވާނީ ސަޢީދާއި ޓޮމްގެ ޖަވާބަކުންކަމަށް ބެލެވެއެވެ. ގާނޫނީ ޓީމުން ބަޔާނެއް ނެރެގެން އެ ވާހަކަ ނަފީ ކުރެވޭކަށް ނެތެވެ. އެއީ އެއަށްވުރެ މާ ހައްސާސް ވާހަކަ ތަކެކެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން