ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފެއްދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި، ކޮމިޓީއެއް އެކުލަވާލަން ނިންމީ ކަމަށެވެ.

އެގޮތުން ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދަން ނިންމާފައިވާ ބޯޑަށް ކިޔަނީ "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

އެގޮތުން މި ބޯޑުގައި ހިމެނެނީ؛

1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު (ރިޔާސަތު)

2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް

3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު

4. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެ ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު

5. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު

6. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު

7. ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރާ ފަނޑިޔާރު

8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރާ ފަނޑިޔާރު

9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

މި ބޯޑުގެ މެންބަރުންގެ ތެރެއިން ހަތް ވަނަ ނަންބަރާއި އަށް ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތުގެމަތިން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން