އެމްޑީޕީގެ ތިލަފަތް މިހާރު އޮތީ ޑިމޮކްރެޓްސްގެ އަތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޟީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ.

އެމްޑީޕީގެ ތިލަފަތް މިހާރު އޮތީ ޑިމޮކްރެޓްސްގެ އަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވީ މީސްމީޑިއާ މެދުވެރި ކުރަށްވައި އެމަނިކުފާނުގެ އަނެއްދިވެހިރާއްޖެ އެކައުންޓުން ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީއަށް ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ކޮންޓްރެކްޓަކަށްޓަކައި މަޖިލީހުގެ ގޮނޑިތައް ވިއްކާލާނެ ކަމަށްވެސް ވިދާޅުވެފައެވެ.

“ގޮނޑި ދޭންވީ ޑިމޮކްރެޓްސް އަށް. ފާރަވެރިވާން އެނގޭނީ އަދި ފާރަވެރިވާނީ ޑިމޮކްރެޓްސް.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް ފާރަވެރި ވެވޭނީ ކުރިންވެސް އެކަންކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސް ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ދެންވެސް ކޮންޓްރެކްޓަށް ގުޑާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން 19 ވަނަ މަޖިލީހުގެ އެމްޑީޕީ މެންބަރުން ކޮންޓްރެކްޓްގެ ބޭނުމުގައި ފާރަވެރިވުން މުޅިން ދޫކޮށްލިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތުގައި. އަސްލު އެމްޑީޕީ އަކީ ޑިމޮކްރެޓްސް.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި ރައީސް ނަޝީދު، މިބީދައިން ވިދާޅުވެފައިވާއިރު މި މަހުގެ 20-19 އަށް ޑިމޮކްރެޓްސް އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވާ މަޖިލީސް އިންތިޚާބުގެ ކެމްޕޭނު އިވެންޓުތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރީގެ ރައީސް ނަޝީދުވަނީ ސިޔާސީ ކަންކަމާއި ވަގުތީގޮތުން ދުރަށްޖެހިވަޑައިގެންނެވިކަންވެސް އިއުލާނު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން