މ. މަޑުއްވަރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދޯނި ޑްރޯން ބޭނުންކޮށްގެން ރަތްމަންދޫގެ 23 މޭލު ބޭރުން ހޯދައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ދޯނި ފެނުނީ އިންޖީނު ހުއްޓިގެން ބެހެމުން ދަނިކޮށް ރަތްމަންދޫގެ 23 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

“ފަރިހި 2” ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 440 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް އެމްއެންޑީއެފުން ވަނީ ބަލާފައެވެ.

އެ ދޯނި ގެއްލުނުކަމުގެ ރިޕޯޓް ފުލުހުން މެދުވެރިކޮށް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭގެ 10:45 ހާއިރުގައެވެ.

އޭރުއްސުރެ ކޯސްޓްގާޑުގެ އެހީގައްޔާއި ވައިގެ މަގުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެގޮތުން އެ ދޯނި ހޯދުމަށް ރޭގެ 02:00 ހާއިރު އެމްއެންޑީއެފްގެ“އަންމޭންޑް އޭރިއަލް ވެހިކަލް” ޔޫއޭވީ (ޑްރޯން) އުދުއްސާލާފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯސްޓުގާޑުގެ އިންޓަސެޕްޓާ ކްރާފްޓް "މާފަތް" އަދި "ޝަހީދު އަލީ" ޝިޕް ވެސް ވަނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވެފައިވެއެވެ.

މިއީ އެމްއެންޑީއެފްގެ އެއާކޯ އިފްތިތާހުކުރި ފަހުން އެ ޔުނިޓުގެ އުޅަނދުތައް ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން