ކުރީ ސަރުކާރުން މާލޭ ސަރަޙައްދުން ގޯތިތައް ދޫކުރީ ޤާނޫނީ ހަމައަކުން ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވަކީލް މުޢިއްޒު މިމޭރުމުން ވިދާޅުވީ ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވާފައި ވާތީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އެކަމާމެދު ނުރުހުން ފާޅު ކުރެއްވުމާ ގުޅިގެންނެވެ.

މީކާއީލް ވިދާޅުވީ ބިމާބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަވަސް މުސްތަގުބަލެއްގައި ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަން ވަރަށް ސާފު ކަމަށެވެ.

އެކަމާ ގުޅިގެން މީކާއީލަށް ރައްދު ދެއްވަމުން ވަކީލް މުޢިއްޒު ވިދާޅުވީ “ތިޔައީ ޤާނޫނީ ހަމައަކުން ދޫކޮށްފައިވާ ގޯތިތަކެއް ނޫން” ކަމަށެވެ.

ރައީސް އޮފީހުން ބުނީ ބިމާބެހޭ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރައި ފޮނުއްވައިލީ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުކުރާތާ ތިން މަސް ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ގާނޫނަށް ހުށައެޅި އިސްލާހަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އިސްލާހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން