ހައި ކޯޓުން މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ހައިކޯޓުން އަމަލުކޮށްފައި ނުވާކަމަށް ބުނެ ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދުގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ދިން ވަގުތު ހަމަވިއިރު ވެސް ހައިކޯޓުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ފިޔަވަޅެއް އަޅައިދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމާމެދު މަޝްވަރާކުރަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ.

މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިބްރާހީމް ސައްމާހު އަހްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރުމަށް އެދުނު ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

އަދި ދަޢުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސައްމާހްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް މީގެ ނުވަ ދުވަސް ކުރިން އަންގައި ހަތް ދުވަހުގެ މުއްދަތެއް ދިންނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހަށް މުއްދަތު ހަމަވިއިރު އެ ކޯޓުން އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.

މި މައްސަލާގައި ހައި ކޯޓުން ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ނުބޭއްވުމުން، ދަޢުލަތަށް ޖެހިފައިވަނީ ސައްމާހު ބަންދުން ދޫކޮށްލުމަށެވެ.

މޫސާގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އޭގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން