ދިވެހި މަސްވެރިން މަސްވެރިކަމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
ދިވެހި މަސްވެރިން މަސްވެރިކަމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހި ގިނަ ރައްޔިތުން އެ މަސައްކަތެއްގެ މައްޗަށް އެމީހުންގެ ދިރިއުޅުން ބަރޯސާ ކޮށްފައިވާ ދިވެހިންގެ ލޭނާރުކަމީ ޝައްކެއް ހިނގާ ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ ދިވެހިވަންތަ ދިވެހީންގެ އަމިއްލަވަންތަ މަސައްކަތެއްގެ ގޮތުގައި ދިވެހި މަސްވެރިންގެ ހީވާގިކަމާއި މުރާލިކަމުން ތަރައްޤީ ކޮށްފައިވާ "ދިވެހިންގެ ލޭނާރެވެ." އެއީ، ދިވެހި އިޤްތިޞާދަށް އެތައް މިލިއަން ބޭރު ފައިސާއެއް ވައްދައިދިން އެންމެ ވަރުގަދަ އެއް ސިނާޢަތެވެ. ނަމަވެސް ކޯވިޑް-19 ގެ ޢާލަމީ ވަބާގެ ގަދަ ރޯޅީގައި ޖެހި މި ސިނާޢަތަށްވެސް މިވަނީ މީގެކުރިން އަންދާޒާ ނުކުރެވޭފަދަ ބޮޑު ހީނަރުކަމެއް ލިބިފައެވެ.

ޤުދުރަތީގޮތުން ދިވެހިންނަށް ލިބިފައިވާ މި އަގުބޮޑު ކަނޑު ރޯދިން ލިބޭ ޙަޤީޤީ މަންފާ ދިވެހި މަސްވެރިންގެ ގޭގޭގެ ބޮޑުފޮށްޓަށް ވައްދައި ދިނުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރަމުންދާ އެއް މަސައްކަތެވެ. އެކަމާ ގުޅިގެން ސަރުކާރުގެ މަސްވެރިކަމާގުޅޭ މައި ކުންފުނި މިފްކޯ އިން ވަނީ، ދިވެހި މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް ބޮޑެތި ނިންމުންތަކެއް ނިންމައިފައެވެ. ސަރުކާރުގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ހަރުދަނާކޮށް މަސްވެރިންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ.

އެގޮތުން މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ ކިރުވާ މަސްކޮޅަށް ފައިސާ ނުލިބުމުގެ މައްސަލަ އަށް ޙައްލެއް ހޯދައިދިނުމަށްޓަކައި މަސްވެރިންނަށް މިހާރު ދޫނުކުރެވި ހުރި ފައިސާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދޫކުރުމަށް މިފްކޯއިން މިހާރުވަނީ ނިންމާފައެވެ. މިފްކޯ އަކީ ދިވެހި މަސްވެރިންގެ އަތުން އެންމެ ގިނައިން މަސް ގަންނަ ކުންފުންޏެވެ. ނަމަވެސް މިފްކޯ އަކީ ދަރަނީގައި ހިންގާ ކުންފުންޏެކެވެ. މިއީ އަޅުގަނޑުމެންނަށް ޤަބޫލުކުރަން ކުޑަކޮށް ދަތި ވާހަކައަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޙަޤީޤަތަކީ މިއެވެ. 2018 ވަނަ އަހަރު މިފްކޯ އަށް ބިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. އަދި 2019 ވަނަ އަހަރު މިފްކޯއަށް އެވްރެޖްކޮށް މަސްކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބިފައިވެއެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 2019 ވަނަ އަހަރަކީ މިފްކޯ އިން އެންމެ ގިނަ އަދަދަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރި އަހަރެވެ. އަދި މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 525 މިލިއަން ރުފިޔާ މިފްކޯއިން ވަނީ ދޫކޮށްފައެވެ.

ދިވެހި މަސްވެރިންގެ މިންނެތް މަސައްކަތާ އަޅާބަލާއިރު، އަދި މަސްބާނާ އުޅަނދުފަހަރަށް މަސްވެރިން އަމިއްލައަށް ގެނެސްފައިވާ ތަރައްޤީއަށް ވިސްނާއިރު މިފްކޯއަށް މިވަނީ އެ މަސްވެރިންނާ އެއް މިނެއްގައި ފިޔަވަޅު އެޅުމަށް ނުކުޅެދިފައެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީވަމުން އަންނައިރު މަސްގަނެ ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރު ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެކެވެ. އެކަމަށްޓަކައި މިފްކޯގެ ކަލެކްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށައިފައެވެ. ރާއްޖެ އަށް ބާނާ މަހުގެ ޖުމްލަ އަކީ 150000 ޓަނު ކަމަށް ވިއަސް މިހާރު މިފްކޯ އަށް ގަނެވެނީ 42000 ޓަނު މަހެވެ. އޭގެތެރެއިން ދަޅުގައި ބަންދުކުރަނީ 28އާއި 30 ޕަސެންޓާ ދެމެދުގެ މަހެވެ. އެހެންނަމަވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކުރެވޭނީ މިފްކޯ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށްގެންނެވެ.

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރަށްވާ މަސައްކަތުގެ ދަށުން ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކާއި، ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފެށުމަށް މިފްކޯއިން މިހާރުދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިހާރު ކޫއްޑޫގައި 2000 ޓަނު އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތެވެ. އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށެވެ.

މިފްކޯގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ކޯލްޑް ސްޓޯރޭޖާއި ކޭނިންގ ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯގެ ސްޓޯރޭޖް ކުޑަވުމުގެ ސަބަބުން، މަސްވެރިން ބާނާ މަސް، ބޮޑު އަގުގައި ގަނެ އެ ސްޓޯރ ނުކުރެވި، އަދި އެކަށީގެންވާ ވަރަށް އަވަހަށް ބަންދު ނުކުރެވުމުގެ ސަބަބުން މަސްވެރިންގެ އަތުން ގަންނަ މަސްތައް މިފްކޯއިން ގަންނަ އަގަށް ވުރެ ހެޔޮ އަގުގައި ބޭރުގެ ބާޒާރަށް ވިއްކާލަން ޖެހުމަކީ މިވަގުތު މިފްކޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށްޓަކައި މިފްކޯއިން ވަނީ، ހަތް އަހަރަށް ފަހު މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމައިފިއެވެ. އެގޮތުން މިފްކޯއިން މިހާރު ވަނީ މަސްގަންނަ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށް ނިންމައިފައެވެ. މި ނިންމުމުގެ ސަބަބުން މަސްވެރިންނާއި މިފްކޯ އަށް ވެސް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިދާތަކެއް ކުރާނެއެވެ. އެގޮތުން މަސްވެރިން ބާނާ މަސްކޮޅަށް ލިބޭނެ އެންމެ ދަށްއަގު މަސްވެރިންނަށް ކަށަވަރު ކުރެވި، އަގުނުވެއްޓި މަސްކިރޭނެކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެންދާނެއެވެ. އަދި ވާދަވެރި މާހައުލެއްގައި މަސްގަނެ ބޭރުކުރުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލާފައިވާއިރު 13 ރުފިޔާ އަށްވުރެ ދަށް އަގެއްގައި ޕްރައިވެޓް ސެކްޓަރުން މަސްގަތުމަށް ކުރާ މަސައްކަތަށް ވެސް ނިމުން ގެނުވޭނެ ކަމަށް ސަރުކާރުން ދެކެއެވެ. ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް މަސްގަނެ ބޭރުކުރުމުގެ ފުރުސަތު ދީފައިވަނީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި ކަމަށާއި ރާއްޖޭގައި މަހުގެ ވާދަވެރި މާހައުލެއް އުފެއްދުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން މަސް ގަންނަން ފިކްސްޑް ރޭޓެއް އޮންނަ އޮތުމަށް ނިމުމެއް ގެންނަން ނިންމާފައިވާއިރު، މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މަސްވެރިން މަސް ކިރުވާތާ 7 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް މިފްކޯއިން މިހާރުވަނީ ނިންމާފައެވެ. ހަމައެއާއެކު މަސްވެރިންނަށް ފޯރުކޮށްދޭ ޑީސަލުގެ އަގުހެޔޮކުރުމަކީ ވެސް ރައީސް ޞާލިޙްގެ ވަޢުދަކަށް ވާއިރު، މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްކިރާ ބޯޓުތަކުން ތެޔޮވިއްކާ އަގު ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް ނިމުން ގެނައުމަށް މަސްބޯޓުތަކަށް ޑީސަލް ސަޕްލައިކުރާ އަގު ހެޔޮކުރުމަށް އެސްޓީއޯއާ މިފްކޯ އާ ދެމެދު މިހާރުވަނީ މަޝްވަރާތައް ފަށާފައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިފްކޯގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކެވެ. އެ މަސައްކަތްތައް ކުރުމުގައި ޙިކުމަތްތެރިކަމާއެކު ފަހަތުފަޔަށް ބުރަނުވެ ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަފާ ދިވެހި މަސްވެރިންނަށް ލިބިގެން ދިއުންކަމުގައި ދެބަސްވާނޭ މީހަކު މިއަދަކު ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން