ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރޭޕް ކުރުމަކީ، ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޖިނާއީ އިޖުރާތު ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށުގެ ގޮތުގައި މިފަހަރު 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ބިލު، ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ. މިބިލު މަޖިލީހުން ފާސްކުރުމާއިމެދު މިއަދު ނެގުނު ވޯޓްގައި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

އެގޮތުން ޖިނާޢީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މީހުން މެރުމުގެ ކުށާއި، ރޭޕް ކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށެވެ. އޭގެ އިތުރުން ޓްރެފިކް ކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާއި، އެއްލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށާއި، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށާއި، ރިޝްވަތުގެ ކުށުގެ އިތުރުން ކޮރަޕްޝަންގެ ކުށް ހިމެނެއެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން ޢާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ.

އޭގެ އިތުރުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހުމާއި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް މިއިސްލާހުގައި ވެއެވެ.

ހަމައެއާއެކު، ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ބިލުގައި ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން