ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ގަދަބަސްބުނެ ބާރު ދައްކައިގެން ލިބޭނެ މޮޅެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިޅިހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން މަޖިލީހުން ފުރިހަމަކުރަން ޖެހޭ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެއްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާރު ކުރިއަށް މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރު ކަމަށާއި، މިއަދު އިއްވި ރިޔާސީ ބަޔާނަކީ ވެސް މި ދައުރުގެ އެންމެ ފަހުގެ ބަޔާން ކަމަށެވެ. އެހެންކަމުން އަސްލަމް ވަނީ 19 ވަނަ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވި ހުރިހާ ރައީސުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

އަސްލަމް މިއަދު ވަނީ، 19 ވަނަ މަޖިލީހުގެ ކުރިއަށް އޮތް މަދު ދުވަސްތަކުގައި މަޖިލީހުގެ މަސައްކަތްތަކާއި އަދި ކޮމިޓީތަކުގެ މަަސައްކަތް ވެސް ފުރިހަމައަށް ކޮށްދެއްވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ރިޔާސަތަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފުރިހަމައަށް ދެއްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އޭގެއިތުރުން ގާނޫނު އަސާސީން ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމުކޮށްފައިވާއިރު، ފާރަވެރިވުމާއި ޖަވާބުދާރީވުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"ކޮންމެ ބާރަކުންވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނު އަސާސީގެ ދަށުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމް ކުރަން ޖެހޭނެ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއްވެސް ނޫން." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިއަދު އިތުރަށް ވިދާޅުވީ ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ގަދަބާރު ދައްކައިގެން ލިބޭނެ ހެވެއް އަދި މޮޅެއް ވެސް ނެތް ކަމަށެވެ. އަދި އެކަމަށް ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަަތުމަށް ވެސް އަސްލަމް ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢަލީ

17-Feb-2024

އެބައެއްގެ ސައިޒުން އުޅެންދަސްކުރީމާ ރައްތިތުންނަށް ކަންކަން ކޮއްދެވި ދެވަނަފަހަރަށްވެސް ހޮވުމުގެ ފުރުސަތު ބޮޑުވާނީ!


0

ޢަލީ

19-Feb-2024

އެބައެއްގެ ސައިޒުން އުޅެންދަސްކުރީމާ ރައްތިތުންނަށް ކަންކަން ކޮއްދެވި ދެވަނަފަހަރަށްވެސް ހޮވުމުގެ ފުރުސަތު ބޮޑުވާނީ!



ޓްރެންޑިން